ލޭބަރ ރިލޭޝަންސް އޮތޯރިޓީ

ލޭބަރ ރިލޭޝަންސް އޮތޯރިޓީއަކީ، ދިވެހިރާއްޖޭގައި ވަޒީފާއާބެހޭ އަސާސީ އުސޫލުތައް ކަނޑައަޅައި، ވަޒީފާދޭ ފަރާތްތަކާއި ވަޒީފާއަދާކުރާ ފަރާތްތަކުގެ ޙައްޤުތަކާއި ޒިންމާތައް ކަނޑައަޅައި އެޙައްޤުތައް ޙިމާޔަތް ކޮށްދިނުމަށް، ޤާނޫނު ނަންބަރު: 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ ދަށުން އުފެދިފައިވާ އިދާރާއެކެވެ.

ވަޒީފާއާބެހޭ ޤާނުނުގެ ދަށުން، ވަޒީފާއާބެހޭ އޮފިސަރުންނަށް ލިބިދޭ ބާރުތައް:

  • ވަޒީފާދޭ ފަރާތް ދިރިއުޅޭ ގެ ފިޔަވައި، މަސައްކަތްކުރާ ތަނެއްކަމަށް، ވަޒީފާއާބެހޭ އޮފިސަރަށް އެކަށީގެންވާ ސަބަބުތަކެއްގެ މައްޗަށް ބިނާކޮށް  ގަބޫލުކުރެވޭ ކޮންމެ ތަނަކަށްވެސް، ދުވާލުގެ ވަގުތުގައި ވަދެ އެތަނެއް ބަލައި ފާސްކުރުން.
  • ވަޒީފާ އަދާކުރުމާއި މަސައްކަތްކުރުމާ ގުޅޭގޮތުން ޤާނޫނީގޮތުން ބަލަހައްޓަންޖެހޭ ރިކޯޑެއް، ފޮތެއް، ދަފްތަރެއް ނުވަތަ ލިޔުމެއް، އެގޮތުގައި ބަލަހައްޓާތޯ ކަށަވަރުކުރުމަށްޓަކައި އެފަދަ ތަކެތި ހުށަހެޅުމަށް އަންގައި، އެފަދަ ތަކެތީގެ ކޮޕީ ހެދުން، ނުވަތަ އެތަކެތިން ވަޒީފާއާބެހޭ އޮފިސަރުން ބޭނުންވާ މަޢުލޫމާތު ނެގުން.
  • ވަޒީފާއާބެހޭ ޤާނޫނާއި އެ ޤާނޫނުގެ ދަށުން ހެދޭ ގަވައިދުތަކުގައިވާ ކަންތައްތައް ރަނގަޅަށް ތަންފީޒު ކުރެވިފައިވޭތޯ ކަށަވަރުކުރުމުގެ ގޮތުން، މަސައްކަތްކުރާތަން ބެލުމާއި، އެތަނުގެ މީހުންނާ ސުވާލުކުރުން.

ވަޒީފާއާބެހޭ ޤާނޫނުގެ 86 ވަނަ މާއްދާގެ ދަށުން، އަންނަނިވި ކަންތައްތަކުގެ ތެރެއިން ކަމެއް މީހަކު ކޮށްފިނަމަ، އެކުރަނީ ކުށެކެވެ.

  • ވަޒީފާއާބެހޭ އޮފިސަރަކު އަދާކުރަންޖެހޭ ވާޖިބުތައް އަދާކުރުމަށް، ނުވަތަ އޭނާ ކުރަންޖެހޭ ކަމެއް ކުރުމަށް ހުރަސްއެޅުން
  • ވަޒީފާއާބެހޭ އޮފިސަރުންނަށް، ޤާނޫނީގޮތުން ލިބިދޭ ބާރުގެ ދަށުން އެމީހުންގެ ވާޖިބު އަދާކުރުމުގައި، ނުވަތަ ކުރަންޖެހޭ ކަމަކާ ގުޅޭގޮތުން، ކަމެއް ކުރަން މީހަކަށް އެންގުމުން، އެކަމެއް ނުކުރުން
  • ވަޒީފާއާބެހޭ އޮފިސަރަށް ދޮގު މަޢުލޫމާތު  ނުވަތަ ޙަޤީޤަތް އޮޅޭފަދަ މަޢުލޫމާތު ގަސްތުގައި ދިނުން

މިފަދަ ކުށެއް ކޮށްފި މީހެއްގެ އަދަބަކީ:

  • -/500 ރުފިޔާއާއި، -/50,000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން
  • ނުވަތަ އެއްއަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމާއެކު -/25,000 ރުފިޔާއަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާ ކުރުން